navLogo

އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރަން އޮފިޝަލުން ތަމްރީންކުރުން މުހިންމު

އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރަން އޮފިޝަލުން ތަމްރީންކުރުން މުހިންމު
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުމަކީ ރައްޔިތުންނާއި ކެނޑިޑޭޓުންގެ އިންތިޚާބީ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އޮފިޝަލުން ތަމްރީނުކުރާނެ "ޓްރެއިނަރުން" ބިނާކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައެވެ. ސީއެޗްއެސްސީގައި މި މަހުގެ 3 އިން 9 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ ޓްރެއިނަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ޞަލާޙު ވިދާޅުވީ، މި ތަމްރީނުތަކުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އޮފިޝަލުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިއީ ކެނޑިޑޭޓުންނާއި ވޯޓުލާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެނޑިޑޭޓުންގެ ހައްގުތަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ. ބައެއް ފަހަރު މީޑިއާތަކުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވާންޖެހޭ،" ޞަލާޙު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ މަސައްކަތުގެ ގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ވަގުތު ހޭދަވާނެ އިންތިޚާބުކަން ފާހަގަކުރައްވަމުން ޞަލާޙު ވިދާޅުވީ، ގާތްގަނޑަކަށް 3 ލައްކައެއްހާ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، ކޮންމެ މީހަކަށް ގިނަ އަދަދެއްގެ ވޯޓު ކަރުދާސް ދޫކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން ވޯޓު ސައްހަވާނެ ގޮތްތަކާއި ފާހަގަޖަހާނެ ގޮތުގެ އިރުޝާދު ދިނުމުގައި ޓްރެއިނަރުންގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ނިންމި ޓްރެއިނަރުން ދެން ހަރަކާތްތެރިވާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އޮފިޝަލުން ތަމްރީނު ކުރުމުގައެވެ. އެގޮތުން، އިންތިޚާބަށް ބޭނުންވާ 7,000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު އަތޮޅުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭ ސަރަހައްދުގެ އޮފިޝަލުން ތަމްރީނު ކުރުން މި މަހުގެ 15 ގައި ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތާވަލުކޮށްފައެވެ.

މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހުގެ އިޖުރާއަތްތަކާއި، މަރުކަޒުތަކުގެ އިންތިޒާމުތައް ބަލަހައްޓާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދެވޭނެއެވެ.

Rate this article

Leave a Comment

Comments (0)